ދައުރުން ބޭރުން ބާއްވަވާ މަޖިލީހުގެ ޖަލްސާއެއް އަންނަ ބުދަ ދުވަހު އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ނަމަވެސް މި ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރައްވާނެއެވެ.
މިއީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ދިއުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާއެވެ.
މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގައި ޖުމްލަ 27 ޖަލްސާ ބޭއްވިފައިވެއެވެ. މި ޖަލްސާތަކުގައި 46 ގަޑިއިރުގެ މަސައްކަތް ކުރެވިފައިވާއިރު، 127 ކޮމިޓީ ބައްދަލުވުން ބޭއްވި، 91 ގަޑިއިރާއި 29 މިނެޓުގެ މަސައްކަތް ކުރެވިފައިވެއެވެ.
ދެވަނަ ދައުރު ނިމުނުއިރު މަޖިލީހުން 24 ބިލެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
މަޖިލީހުގެ މިއަހަރުގެ ތިންވަނަ އަދި އެންމެ ފަހު ދައުރު ފެށޭނީ އޮކްޓޫބަރު މަހުގައި ކަމަށްވާއިރު، އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.




