އެކުވެރި ދައުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސާގެ މަޤާމަށް ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ ހޮވިވަޑައިގެންފައެވެ. އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެގްރޫޕަށް ނިސްބަތްވާ ޤައުމުތައް ތަމްސީލުކުރުމަށް ޑރ. ސަލްމާ ރަޝީދުގެ ނަން ހުށަހެޅުނެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ވަކިން ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ.
ދިވެހިރާއްޖެއިން ވަނީ މީގެ ކުރިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 އަދި 2014 އިން 2016 އަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ. އަދި 2023 އިން 2025 އަށް ކުރިއަށްދާ ދައުރުގައިވެސް ދިވެހިރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ.
ޑރ. ސަލްމާ ރަޝީދުގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަދި ރޮމޭނިއާގެ ދާއިމީ މަންދޫބުންނެވެ.
މި އިންތިޚާބާއެކު، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ދެން އަދާކުރަމުންދާނީ ދިވެހިރާއްޖެއިންނެވެ.




