ނޮޅިވަރަންފަރުގައި ގެވަޅު އޮވެ ގެ ނޭޅޭ ގޯތިތަކުގައި ގެ އަޅައިދިނުމުގެ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ނޮޅިވަރަންފަރުގައި 250 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އޭގެ ތެރެއިން 100 ޔުނިޓް އަޅާނީ އާންމު ރައްޔިތުންގެ ގޯތިތަކުގައި ކަމަށާއި، މި މަސައްކަތް އަންނަ މަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ނޮޅިވަރަންފަރުގެ ތަރައްޤީއަށް އަމާޒުކޮށް ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ސްކޫލް ތަރައްޤީކުރުމާއި، ސިއްޙީ މަރުކަޒުގެ އައު އިމާރާތާއި، ސްޕޯޓްސް ކޮމްޕްލެކްސް އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
”މިމަޝްރޫޢު ކުރިއަށްގެންދަނީ އަޅުގަނޑު ވަޢުދުވީގޮތަށް. ކައުންސިލުން ދިން ބިމުގައި އައު ސްކޫލެއް އެޅުމަށް މި ފަށަނީ، މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބާއި އެނޫންވެސް ވަސީލަތްތަކާއެކު ފުލްފުލެޖު އައު ސްކޫލެއް އެޅުމުގެ މަސައްކަތް މި ފެށެނީ،“ ރައީސް ވިދާޅުވިއެވެ.
ހައުސިންގ މަޝްރޫޢުގެ ދަށުން އަޅާ 100 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށާއި، މިއީ އަމިއްލަ ގޯތި އޮވެ ގެ އެޅުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި މި މަޝްރޫޢުތަކަކީ ނޮޅިވަރަންފަރު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަށުގެ ތަރައްޤީގެ މިންގަނޑު އުފުލިގެންދާނެ މަޝްރޫޢުތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.



