ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ފެށިތާ 24 ދުވަސް ވެގެން ދިޔައިރު، މިހާތަނަށް 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
އެފްޑީސީން ބުނީ ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. މި މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ޤާއިމުކޮށްފައިވާ 10 ވަރަކަށް ކައުންޓަރުގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން މިހާތަނަށް 3،402 މީހުންގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އެފްޑީސީއަށް ވަނީ ފޮނުވާފައެވެ. އެފްޑީސީން ބުނީ މިހާތަނަށް ސޮއިކުރެވިފައިވާ 2000 އަށްވުރެ ގިނަ އެއްބަސްވުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވަނީ 3 ކޮޓަރީގެ ފްލެޓު ދޫކުރުމުގައި 76 މާކްސްއަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމާފައެވެ. އޭގެ ފަހުން ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި 2 ކޮޓަރީގެ ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
އެފްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ހަމަކުރުމަށް ފްލެޓު ލިބޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.



