ބޭންކް އޮފް މޯލްޑިވްސްއިން ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ވަނީ ހދ. ކުމުންދޫ އަދި ހދ. ކުރިނބީގައިވެސް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
”ހދ. ކުމުންދޫގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑުމެންގެ އޭޓީއެމް ޚިދުމަތް މިވަނީ ގާއިމްކުރެވިފައި. މިއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ އޭޓީއެމްއަކާއެކު، އަޅުގަނޑުމެން މިދަނީ މުޖުތަމައުތަކާ ވީހާވެސް ގާތުން ބޭންކިންގ ޚިދުމަތްތައް ދެމުން. އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެ ފަރުދަކަށްވެސް އަދި ކޮންމެ މުޖުތަމައަކަށްވެސް މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިކޮށްދިނުން.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 156 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 215 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.




