އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އޭނާގެ ލޯބިވެރިޔާ ޓްރާވިސް ކެލްސީ އެންގޭޖްވެއްޖެ އެވެ.
މި އުފާވެރި ޚަބަރު ހިއްސާކުރަމުން، ޓޭލާ ވަނީ އެންގޭޖްމަންޓްގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޝާއިޢުކޮށް، އަވަހަށް ކައިވެނިކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.
ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ 35 އަހަރުގެ ޓްރާވިސްއާއި ޓޭލާ އެންގޭޖްވެފައި މިވަނީ އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. މި ގުޅުމަށް ދެ ފަރާތުގެ އާއިލާގެ ފުރިހަމަ ރުހުން ލިބިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އެމެރިކާގެ އެންމެ ނުފޫޒުގަދަ އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ ޓޭލާ 35 އަހަރުގައި އެންގޭޖްވެފައިވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރެއްގައެވެ. އޭނާގެ 12 ވަނަ އަލްބަމް ”ލައިފް އޮފް އަ ޝޯގާލް” އަންނަ މަހުގެ 3 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ތައްޔާރުވަމުންނެވެ.
މިއުޒިކުގެ ދާއިރާއިން 14 ގްރެމީ އެވޯޑާއި އެހެނިހެން ޝަރަފުވެރި އެވޯޑުތައް ހާސިލުކޮށްފައިވާ ޓޭލާގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރު ނެރުނު ”ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް“ އެވެ.
ޓޭލާގެ ލޯބީގެ ތާރީޚަށް ބަލާއިރު، މިހާތަނަށް 12 މީހުންނާ ރައްޓެހިވެފައިވާ ކަމަށް ވެއެވެ. އޭގެ ތެރޭގައި އެކްޓަރުންނާއި މިއުޒިޝަނުން ހިމެނޭ އިރު، ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ އަދި ބަތަލާ ސޯފީ ޓާނާގެ ކުރީގެ ފިރިމީހާ ޖޯ ޖޯނަސް ވެސް ހިމެނެއެވެ.



