އިސްރާއީލުން ޣައްޒާގެ ނަސީރު ހޮސްޕިޓަލަށް ޖެހިޖެހިގެން ދެ ހަމަލާ ދީ މަދުވެގެން 20 މީހުން ޝަހީދުކޮށްލުމާ ގުޅިގެން އެކަމަށް އިންސާފު ހޯދުމަށް އދ. އިން ގޮވާލައިފިއެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ފަސް ނޫސްވެރިންނާއި ހަތަރު ސިއްހީ ހިދުމަތްތެރިން ހިމެނެއެވެ.
އިސްރާއީލުގެ ފުރަތަމަ އަސްކަރީ ތަހުގީގުގައި ބުނީ، ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސް އިން ބެހެއްޓި ކެމެރާއަކަށް ކަމަށެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާވެސް ވަނީ މި ހަމަލާ ދިނުމަށް އެއްވެސް އުޒުރެއް ދެއްކެން ނެތް ކަމަށް ބުނެފައެވެ.
ހޯމަ ދުވަހު ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ދިން ފުރަތަމަ ހަމަލާގައި ރޮއިޓާސްގެ ކެމެރާމަނެއް ޝަހީދުވިއެވެ. އޭގެ 10 މިނެޓް ފަހުން ދެވަނަ ހަމަލާއެއް އެތަނަށް އަމާޒުކުރިއެވެ. މި ދެވަނަ ހަމަލާގެ ޝިކާރައަކަށް ވީ އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިންނާއި ސިއްހީ ހިދުމަތްތެރިންނެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ތަމީން އަލް ޚީތާން ވިދާޅުވި ގޮތުގައި މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
”މި ހުރިހާ ހަމަލާއެއް ތަހުގީގު ކުރަން ޖެހޭ. އަދި މިކަމަށް ޒިމާވާ މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ،“ އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން މި ހަމަލާ ދީފައި ވަނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމެއް އެގައުމުގެ ސަރުކާރަށް ބަލައިގަތުމަށް ގޮވާލައި މުޅި ގައުމުގައި މުޒާހަރާ ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.




