ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ކްލާސް ގަޑީގައި ފޯނާއި ސްމާޓް ޑިވައިސްތައް ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފިއެވެ.
މި ގާނޫނު ފާސްކުރެވިފައިވަނީ ގައުމުގެ މައި ސިޔާސީ ދެ ޕާޓީގެ އެއްބާރުލުމާއެކު، ސްމާޓްފޯން އެޑިކްޝަންގެ ސަބަބުން ކުދިންނަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައެވެ.
މަޖިލީހުގެ 163 މެންބަރުންގެ ތެރެއިން 115 މެންބަރުން ވަނީ މި ބިލަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.
ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި ބެލެނިވެރިން ފާހަގަކުރާ ގޮތުގައި ސްމާޓްފޯންގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުންދެއެވެ. އަދި ކިޔެވުމަށް ހޭދަކުރަންޖެހޭ ގިނަ ވަގުތުތަކެއް ފޯނާއެކު ހޭދަކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ދެކުނު ކޮރެއާގެ ގިނަ ސްކޫލްތަކުގައި މިހާރުވެސް ސްމާޓްފޯން މަނާކުރުމުގެ އުސޫލުތަކެއް ގެންގުޅެއެވެ. ދެކުނު ކޮރެއާގެ އިތުރުން ފިންލޭންޑާއި ފްރާންސް ފަދަ ގައުމުތަކުން ވަނީ ހަގު ދަރިވަރުންނަށް ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފައެވެ.
އަދި އިޓަލީ، ނެދަލޭންޑްސް އަދި ޗައިނާ ފަދަ ގައުމުތަކުން ވަނީ ހުރިހާ އުމުރުފުރައެއްގެ ސްކޫލްތަކުގައިވެސް ފޯނު ބޭނުންކުރުން މަނާކޮށްފައެވެ.



