މީޑިއާތައް ކޮންޓްރޯލް ކޮށް މީޑިއާތަކުގައި ތަޅުއެޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އަބްދުﷲ ޚަލީލު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މީޑިޔާ ބިލާމެދު ނޫސްވެރިން ނުރުހުން ފާޅުކުރުމުގެ ގޮތުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަޑައިގެންނެވި ދަނޑިވަޅެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލުގެ އިތުރުން ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓަރު ވިދާޅުވީ، މީޑިޔާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވެގެން އަންނަ އިރު މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ބޭފުޅެއް އިންނަންވެސް ރައީސް ބޭނުންފުޅު ނުވާކަމަށެވެ.
”ސަރުކާރަށް މީޑިޔާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ގާނޫނެއް އޮންނަން ރައީސް ބޭނުންފުޅު ނުވޭ. ރައީސް ވަނީ ވިދާޅުވެފައި އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަ ގޮތަކަށް ރައީސްއެއް އަދި މެންބަރު ވެސް އައްޔަން ކުރާކަށް ބޭނުންފުޅެއް ނުވެއޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޚަލީލު ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން މި ވަގުތުވެސް ތާއީދުކުރަނީ މީޑިއާ ރެގިއުލޭޓްކުރުން ވަރުގަދަކުރުމަށް ވުރެ ޑީރެގިއުލޭޓްކުރުމަށެވެ.
މިނިވަން ކެނޑިޑޭޓު، ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި މި ބިލާމެދު ނޫސްވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ކޮމިޝަނުގައި ހިމެނުމާއި، ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދީފައި އޮތުމެވެ.
މީގެ އިތުރުން ނޫސްވެރިކަމުގެ ސުލޫކީ ހަމަތަކުގެ ތެރޭގައި ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައި އޮތުމާމެދުވެސް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބިލާ ގުޅޭގޮތުން އިއްޔެ މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި ބަހުސްކުރެވުނެވެ. އަދި މިކަމާ ގުޅޭ ކޮމިޓީ ބައްދަލުވުމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.



