ދުނިޔޭގެ އެއްވެސް ގައުމަކުން ނޫސްވެރިންނަށް ނުލިބޭހާ މިނިވަންކަން ދިވެހި ނޫސްވެރިންނަށް މި ސަރުކާރުން ދީފައިވާކަން ހާމަވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ގައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން ހާމަވަމުންދާ ކަމަށާއި އެގޮތުން، ހެނދުނުއްސުރެ ގްރީން ޒޯންގައި ނޫސްވެރިން މުޒާހަރާކޮށް، ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔައިރު، ނޫސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އާއި ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އެ ނޫސްވެރިންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވައި ވާހަކަތައް އަޑުއެއްސެވި ކަމަށެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރިންގެ އަޑު އެއްސެވުމަށް ރައީސް އޮފީހުގައި އެމްޖޭއޭއާ ސީދާ ރައީސް މުއިއްޒު ބައްދަލުކުރައްވައި، ހުރިހާ ވާހަކައެއް އަޑުއެއްސެވި އެވެ.
އަދި ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ނޫސްވެރިން ބޭނުން ވަރަކަށް ހިޔާލުތަކާއި އިސްލާހުތައް ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
”އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފަަައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުން ވެސް ސަރުކާރުން ހިޔާރުކުރީ ކެތްތެރިކަން.” މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިހުތިޖާޖުކޮށް ބޭނުން އަޑެއް އުފުލަން ފުރުސަތު ދެއްވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީޑިއާ ބިލުގައި ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެސް ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މިއީ މީޑިއާ ޕްރޯ ސަރުކާރެއް ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.



