މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ، ރާއްޖެއަށް ނުހަނު ޚިދުމަތް ކުރެއްވި، ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ގާސިމް އިބްރާހިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށާއި، ގައުމަށް ނުހަނު ޚިދުމަތްތަކެއް ކުރެއްވި، އަދި އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެއް ކަމަށެވެ.
”ޝައްކެތް ނެތް. އެމްޔޫ މަނިކު އަވަހާރަވުމަކީ، މުޅިރާއްޖެއަށް ލިބިގެންދިޔަ ހިތާމައެއް. ފަތުރުވެރިކަމުގެ އާއިލާއަށް ލިބިގެން ދިޔަ ނުހަނު ބޮޑު ހިތާމައެއް.“ ގާސިމް ވިދާޅުވިއެވެ.
އެމްޔޫ މަނިކު އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ރޭ ފަތިހުއެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމަށްވާއިރު، މަޓީގެ ކޯ ފައުންޑަރެއްގެ އިތުރުން، ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންކަން ވެސް ކުރައްވާފައިވެއެވެ.
އެމްޔޫ މަނިކުގެ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކުރެއްވުން ހިމެނެއެވެ.
އަދި އޭނާގެ އަގުހުރި ޚިދުމަތްތަކަށްޓަކައި 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު އަދި މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.



