ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، 30 މީހުން މަރުވެެއްޖެއެވެ.
ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (ޕީޑީއެމްއޭ) އިން ބުނީ، ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން 30 މީހުން މަރުވެެފައިވާއިރު، 1.5 މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރި ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ސިނާއީ ސަރަހައްދުތަކާއި ދަނޑުވެރިކަން ކުރާ ބިންތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕީޑީއެމްއޭގެ ރިލީފް ކޮމިޝަނަރު ނަބީލް ޖާވީދު ވިދާޅުވި ގޮތުގައި، ޗެނާބު، ރަވީ އަދި ސަތުލެޖް ކޯރުތަކުގައި ފެންގަނޑު ފުރި ބަންޑުންވެފައިވާއިރު، މިހާތަނަށް 2,308 ރަށަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ.
”ޖުމްލަ 1.516 މިލިއަން މީހުންނަށް އަސަރުކޮށްފައިވާއިރު، 481,000 މީހުން ގެދޮރު ގެއްލިފައިވޭ،“ އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން 830 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.
މި ހާލަތާ ގުޅިގެން ސަރުކާރުން ވަނީ 511 ރިލީފް ކޭމްޕް، 351 މެޑިކަލް ކޭމްޕް، އަދި 321 ވެޓެރިނަރީ ކޭމްޕް ގާއިމުކޮށްފައެވެ. އަދި 405,000 އެއްހާ ދިރޭތަކެތި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވެއެވެ.
އެންޑީއެމްއޭ އިން ވަނީ އެންމެ ބޮޑަށް އަސަރުކުރި ސިއާލްކޮޓް އަދި ނަރޯވާލް ސަރަހައްދުތަކަށް ކާބޯތަކެތީގެ އެހީ ފޮނުވާފައެވެ.
މޫސުމާބެހޭ އިދާރާއިން ބުނާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ސެޕްޓެމްބަރު ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އަދި އިންޑިއާގެ ބަޚްރާ، ޕޮންގް އަދި ތެއިން ޑޭމްތައް ފުރިބާރުވެ، ފެން ބޭރުކުރުމުގެ ސަބަބުން ޕަންޖާބުގެ ކޯރުތަކުގައި ފެންގަނޑު އިތުރަށް ބަންޑުންވުމުގެ ބިރު އޮތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.



