ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން ފަހަތުން އަރައި 2-1 އިން މަޔޯކާ ބަލިކޮށްފިއެވެ.
ރެއާލް މެޑްރިޑުގެ ދަނޑު، ސެންޓިއާގޯ ބަރުނަބިއުގައި ކުޅުނު މި މެޗުގައި މަޔޯކާއިން ކުރިން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގައި ރެއާލުން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މެޗުގެ 18 ވަނަ މިނިޓުގައި މަޔޯކާއަށް ލީޑު ހޯދައިދިނީ ވޭދާތު މުރީގީއެވެ. މިއީ ޕަބްލޯ ޓޯރޭ ނެގި ކޯނަރަކުން މުރީގީ ޖެހި ލަނޑެކެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނިޓުގައި ޑީން ހައުސަން ދިން ބޯޅައަކުން އާޑާ ގުލެއާ ވަނީ ލަނޑު ޖަހައި ރެއާލް މެޑްރިޑަށް އެއްވަރުކޮށްދީފައެވެ.
އޭގެ އެއް މިނިޓު ފަހުން ރެއާލް މެޑްރިޑުން ވަނީ ދެވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު ޖެހީ ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާ އެވެ.
ދެވަނަ ހާފުގައި ވެސް ރެއާލް މެޑްރިޑުން ވަނީ މަޔޯކާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އިތުރު ލަނޑެއް ނުޖެހި މެޗު ނިމުނީ 2-1 އިން ރެއާލް މެޑްރިޑް މޮޅުވެގެންނެވެ.
މި މޮޅާއި އެކު ރެއާލް މެޑްރިޑް މި ވަގުތަށް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި ރެއާލް މެޑްރިޑުން ދެން ކުޅޭނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.




