އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހުވަގުތު ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ޕެނަލްޓީއާއެކު، 3-2 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މި ނަތީޖާއާއެކު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައި ޔުނައިޓެޑު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. މި ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބާންލީ އޮތީ 12 ވަނައިގައެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑު އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގީ ކަސެމީރޯ ބޮލުން ޖެހި ލަނޑަކުންނެވެ. ނަމަވެސް ޔުނައިޓެޑަށް ދިމާވި އުނދަގުލަކީ، ފުރަތަމަ ހާފުގައި ޔުނައިޓެޑާއި މި ސީޒަންގައި އަލަށް ގުޅުނު މަތެއުސް ކުންޔާއަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ލައިލް ފޯސްޓާ ލަނޑު ޖަހައި ބާންލީއަށް ނަތީޖާ ހަމަހަމަ ކުރިއެވެ. އެހެންނަމަވެސް މިނެޓެއް ނުވަނީސް ބްރަޔަން އެމްބުއޭމޯ ލަނޑު ޖަހައި ޔުނައިޓެޑަށް އަނެއްކާވެސް ކުރިލިބުނެވެ. މިއީ ޔުނައިޓެޑަށް ބަދަލުވުމަށްފަހު، ޕްރިމިއާ ލީގުގައި އެމްބުއޭމޯ ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ޖެއިޑަން އެންތޮނީ ލަނޑު ޖަހައި ބާންލީއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބާންލީގެ އޭރިއާ ތެރެއިން އަމަދު ޑިއާލޯ އަށް އެންތޮނީ ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ބްރޫނޯ ކާމިޔާބުކޮށް، މިދިޔަ ހަފުތާގައި ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ބޭރަށް ޖެހުމަށްފަހު، މި ފަހަރު ޔުނައިޓެޑަށް މޮޅު ހޯދައިދިނެވެ.



