ފަލަސްތީނުގެ ޣައްޒާގައި ބަނޑަށް ޖެހިގެން ފާއިތުވި 24 ގަޑިއިރު ތެރޭ ހަތް މީހަކު ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 7 މީހަކު ވަނީ ”ބަނޑުހައިހޫނުކަމާއި މަލްނިއުޓްރިޝަން“ގެ ސަބަބުން ޝަޙީދުވެފައެވެ.
މިއާއެކު ބަނޑުހައިހޫނުކަމުގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު ވަނީ 339 އަށް އަރާފައެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ކުށެއްނެތް އާންމު ރައްޔިތުންނަށެވެ.
އދ އިން ހާމަކޮށްފައިވާ ގޮތުގައި ބަނޑުހައިހޫނުކަމުގައި ޝަހީދުވެފައިވާ 339 މީހުންގެ ތެރެއިން 124 މީހުންނަކީ ކުޑަކުދިންނެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން އަމާޒުކޮށް ދަނީ ހަމަލާތައް ދެމުންނެވެ. މީގެ އިތުރުން، އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް ދަނީ ހުރަސްއަޅަމުންނެވެ. ދުނިޔޭގެ އެކި ފަރާތްތަކުން ކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން މިހާރު އެހީ ވަންނަ ކަމުގައި ވިޔަސް، އެ އެހީތައް ލިބެނީ ވަރަށް މަދު ބަޔަކަށެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، އެކަށީގެންވާ މިންވަރަށް އެހީ ނުލިބުމުގެ ސަބަބުން އެތައް ހާސް ބަޔަކު ދަނީ ނުހަނު ބޮޑު ދަތިހާލުގައި ދިރިއުޅެމުންނެވެ. މި ހާލަތުގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުން ދަނީ ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، އަސާސީ ޚިދުމަތްތައް ނުލިބި ދަތި ހާލުގައި އުޅެމުންނެވެ.



