ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް، މޯދިއާއީ ބައްދަލުކުރެއްވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް ތަރައްގީގެ ރޮނގުން ދޭ އެއްބާރުލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އޭގެ ސަބަބުން ފައިދާ ކުރާ ކަމެއް ކަމަށެވެ.
އެސްސީއޯ ސަމިޓުގެ ތެރެއިން ރައީސް މިއަދު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި ދަތުރުފުޅުގައި އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިގްތިސޯދު ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް ބަޔާނެއް ދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.




