އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ތައްޔާރުވަމުންދާ ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް އެދި ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން ދިވެހި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގައި އެދިއްޖެ އެވެ.
މިހާރު ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ޓީމުތަކަށް އެތާނގައި މުބާރާތްތައް ކުޅެ، ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ގެއްލިފައިވާތީ، ފަލަސްތީނުގެ ޓީމުތަކުން ތަމްރީނުތައް ކުރިއަށް ގެންދަނީ އެހެން ގައުމުތަކުގައެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ ބައްދަލުވުމުން މިއަދު ނިންމާފައިވަނީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ހުރުމުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށެވެ. އަދި ފަލަސްތީނުގެ ޓީމާ ދެކޮޅަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ކުޅޭނެ އެކުވެރިކަމުގެ ދެ މެޗަށް ސްޕޮންސަރުންގެ އެހީ ހޯދުމަށްވެސް ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ދިވެހިރާއްޖޭގައި ކޭމްޕްކޮށް ތިބުމުގެ އިންތިޒާމް ހަމަޖެއްސުމުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެހީތެރިކަމަށް އެދިފައިވާތީ އެކަމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށް ނިންމާފައިވާ ކަމަށެވެ.
އެފްއޭއެމުން މައުލޫމާތު ދީފައިވާ ގޮތުގައި ފަލަސްތީނުގެ ޓީމު ރާއްޖެ އަންނާނީ ނޮވެމްބަރު 8 އިން 19 އަށެވެ. މި މުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.





1 Comment
ފަލަސްތީނު ޓީމަށް ދޭ ފައިސާ އެފްއޭއެމް ހިޔާނާތްތެރި ނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް.