ހދ. ކުޅުދުއްފުށީގައި އިންޖީނު މަރާމާތުކުރުމަށްފަހު އެރަށު ފަޅުން ނުކުންނަން އުޅުނު ހއ. ކެލާގެ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފިއެވެ.
ފަރަށް އަރާފައިވަނީ ކެލާއާއި މާލެއާ ދެމެދު މުދާ އުފުލުމުގެ ޚިދުމަތް ދެމުން އަންނަ ”ޑީއެމްއެލް އެކްސްޕްރެސް“ އެވެ.
މައުލޫމާތު ލިބުނު ގޮތުގައި، މި ބޯޓު ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިންޖީނު މަރާމާތު ކުރުމަށެވެ. އަދި މިއަދު ހަވީރު ބޯޓު ކެލާއަށް ދިއުމަށް ފަޅުން ނުކުންނަން އުޅެނިކޮށް އިންޖީނު ހުއްޓުމުގެ ސަބަބުން އޮޔާ ދިޔުމުން ފަރަށް އެރީއެވެ.
”ފަރަށް އެރި ވަގުތު ބޯޓުގައި ނުހުންނާނެ އެއްވެސް މުދަލެއް. އެއީ އިންޖީނު ހަދާ ނިންމާފައި ރަށަށް ދާން އޮތް ދަތުރުގައި މިހެން މިވީ. އިންޖީނު ހުއްޓިގެން އޮޔާ އައިސް ލައްވީ ބޯޓު.“ ބޯޓުގެ އެއް ހިއްސާދާރު މައުލޫމާތު ދީފައިވެއެވެ.
ބޯޓު ފަރަށް އެރި ވަގުތު އޭގައި ތިބީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުންނެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށާއި، ބޯޓު ފަރަށް އަރާފައިވަނީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށް ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ބޯޓު ފުންކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.



