ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީއާ ބައްދަލުކުރައްވައި، ތައުލީމާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ޗައިނާގެ ޓިއާންޖިން މެއިޖިއަންގ ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގެ ހަވާސާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މަންސަތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމަށް މަންފާކުރާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، އެދެވޭ ނަތީޖާތަކެއް ހާސިލުކުރުމަށް މަސައްކަތްކުރުމަށް ދެ ފަރާތުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.




