ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެެވެ.
މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލަމީން ޔަމާލް ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފުގައި ވަޔެކާނޯ އިން ދިޔައީ ބާސާގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ފްރަން ޕެރޭޒް ވަނީ ވަޔެކާނޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ލަނޑު ޕެރޭޒް ކާމިޔާބުކުރީ ބާސާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ފޮނުވާލި ހަމަލާއަކުންނެވެ.
މި ލަނޑަށް ފަހު ވަޔެކާނޯ އިން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ވަޔެކާނޯ އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި ބާސާގެ ކީޕަރު ޖޮއާން ގާސިއާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ލިބުނީވެސް ބާސާގެ ކީޕަރު ޖޮއާން ގާސިއާށެވެ.
މިއީ ލީގުގައި ބާސާއިން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، އެންމެފަހުން ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. ލީގު ތާވަލުގައި ބާސެލޯނާ މިވަގުތު 4 ވަނައިގައި އޮތްއިރު، ވަޔެކާނޯ އޮތީ ތާވަލުގައި 10 ވަނައިގައެވެ.



