ޗައިނާގެ ޓިއާންޖިންގައި މިއަދު ބޭއްވުނު ”އެސްސީއޯ ޕްލަސް“ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމައު އެއްބައިވަންތަވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހުއްޓުމެއްނެތި ވަކާލާތުކުރައްވަމުން، ރައީސް ޑރ. މުއިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
މި ބައްދަލުވުން ފެށިގެން ދިޔައީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ އިސްނެގުމާއެކު، ސަރަހައްދީ ސުލްހަމަސަލަސްކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްކެވި ތައާރަފުގެ ވާހަކަފުޅުންނެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ދިވެހިރާއްޖެއަކީ ހަރުދަނާ އަދި ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، ޗައިނާއާއެކު އޮތް ޒަމާންވީ އެކުވެރިކަމާއި، މޫސުމާބެހޭ ލަނޑުދަނޑިތަކާއި، ”މޯލްޑިވްސް 2.0“ ޑިޖިޓަލައިޒޭޝަން އެޖެންޑާއަށް ބަދަލުގެންނަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ރައީސް ވަނީ ގްލޯބަލް ގަވަނަންސް އިނިޝިއޭޓިވްއަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.
”އެސްސީއޯ ޕްލަސް“ ބައްދަލުވުމަކީ، ސަލާމަތާއި، އިގްތިސާދީ އެއްބައިވަންތަކަމާއި، ދުނިޔޭގެ ހިންގުމުގައި ހިއްސާވާ މައްސަލަތައް ހައްލުކުރުމަށް އެސްސީއޯގެ މެމްބަރު ގައުމުތަކާއި، ޕާޓްނަރު ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތައް އެއްބައިވަންތަކޮށް، މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.



