ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގެ އެއާޕޯޓުގެ ފަޔާ ޓްރަކަށް މައްސަލައެއް ދިމާވެ އިއްޔެ ހަވީރުން ފެށިގެން އެ އެއާޕޯޓު ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާހިމް ހުސެއިން ވިދާޅުވީ، ފުވައްމުލަކުގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަށް އަލުން ފެށުމަށްޓަކައި އައްޑޫއިން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް އިބްރާހިމް ހުސެއިން ވިދާޅުވިއެވެ.
ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވުމާ ގުޅިގެން، މޯލްޑިވިއަން އިން ވަނީ ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް ގުޅައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.
އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެއާލައިންގެ ކޯލް ސެންޓަރު 1671 އަށް ގުޅުމަށް ނުވަތަ cc@iasl.aero އަށް މެއިލް ކުރުމަށް އެ އެއާލައިނުން އަންގާފައިވެއެވެ.
ފުވައްމުލަކަށް ދަތުރުތައް ބާއްވަނީ ހަމައެކަނި ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ދެ ދަތުރު ބާއްވައެވެ.
2011 ވަނަ އަހަރު ސާކް ސަމިޓާ ދިމާކޮށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހުޅުވި މި އެއާޕޯޓަކީ އެސްޓީއޯއިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.




