ފުވައްމުލަކު އެއާޕޯޓްގެ ހަމައެކަނި ފަޔަ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެތަނުގެ އޮޕަރޭޝަންތައް މެދުކަނޑާލިތާ ދެ ދުވަސް ފަހުން، އިއްޔެ ހަވީރު އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ.
އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފެށުނީ އައްޑޫން ފަޔަ ޓްރަކެއް ގެނައުމަށްފަހު، އޮޕަރޭޝަންތައް ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ފަހުގައެވެ.
ފުވައްމުލަކު އެއާޕޯޓުން ބުނި ގޮތުގައި މައްސަލަ ޖެހުނު އެތަނުގެ ފަޔަ ޓްރަކް މަރާމާތު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
2011 ވަނަ އަހަރު ހުޅުވުނު ފުވައްމުލަކު އެއާޕޯޓަށް މިވަގުތު ދަތުރުތައް ކުރަމުން އަންނަނީ ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. އެގޮތުން އާންމު ގޮތެއްގައި ދުވަހަކު ދެ ދަތުރު އެ އެއާލައިނުން ބާއްވަމުން ގެންދެއެވެ.



