ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މިލިއަނުން ހަދިޔާ ލިބިފައިވާއިރު، އަނެއް ބައި މެމްބަރުންގެ ބޭންކް އެކައުންޓުގައި ހުރީ 500 ރުފިޔާ އަށް ވުރެ ވެސް މަދުން ކަމަށް މަޖިލީހުން އާއްމުކުރި އެ ބޭފުޅުންގެ މާލީ ބަޔާންތަކުން ދައްކައިފި އެވެ.
މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން، މެންބަރުން އެބޭފުޅުންގެ މާލީ ބަޔާން ހުށަހަޅަންޖެހެނީ މެންބަރުކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން އެއް އަހަރު ފުރިހަމަވުމުންނެވެ. މިގޮތުން، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިހާރުގެ މެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މާލީ ބަޔާނުގައި، ހެޔޮއެދޭ ފަރާތްތަކުން 958,982 ރުފިޔާ ލިބިވަޑައިގަތްކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ ދަތުރުފުޅުތަކާއި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން ދެއްވާފައިވާ ފައިސާކަމަށް އެބޭފުޅާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް 225,000 ރުފިޔާ އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދަށް 43,000 ޑޮލަރާއި 880,000 ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާކަން މާލީ ބަޔާނުގައިވެއެވެ. އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް 3.5 މިލިއަން ރުފިޔާގެ ރޯހައުސްއެއް ވަޒީފާ އަދާކުރާ ކުންފުނިން ހަދިޔާގެ ގޮތުގައި ލިބިފައިވާކަން ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، މި ހަދިޔާތައް ދެއްވި ފަރާތްތަކުގެ ތަފްސީލު އެއްވެސް މެންބަރެއްގެ މާލީ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި ބައެއް މެންބަރުންގެ އެކައުންޓުތަކުގައި އެންމެ 500 ރުފިޔާއާ ހަމައަށް ވެސް ނެތްކަން ފާހަގަކުރެވޭއިރު، އެއް މެންބަރެއްގެ އެކައުންޓު މައިނަސް 200 ރުފިޔާގައި ހުރިކަންވެސް ބަޔާނުގައި ބުނެފައިވެއެވެ.



