”ސައުތު އޭޝިއަން ސުޕަ ކަޕް 2025“ ގައި ސްރީލަންކާ އާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ދެ މެޗަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމު ދެ މެޗެއް ކަމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވެއްޖެއެވެ.
ލަންކާގެ ދައުވަތަކަށް އެ ގައުމުގައި ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު މިއޮތް ހާލަތަށް ބަލައި މި ދެ މެޗަކީ ވަރަށް މުހިންމު ދެ މެޗު ކަމަށެވެ.
އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިއަށްވުރެ ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި މި ދެ މެޗުން މޮޅުވާން ކޮންމެހެންވެސް ބޭނުން ކަމަށް މޯހަން ވިދާޅުވިއެވެ.
މޯހަން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ލީގު ހުއްޓި އަހަރަކަށް ވުރެ ގިނަދުވަސްވެފައި ވުމާއި، އަދި ރާއްޖޭގެ ފުޓްބޯޅަ ލީގު ނުފެށޭތީ މި ދެ މެޗަށް ނިކުންނައިރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އަދި ޓީމު އެކުލަވާލުމުގައިވެސް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށާއި، ޕްރެކްޓިސް ކޮށްލަން މަދު ދުވަސްކޮޅެއް ލިބުމާއެކު ބޭނުންވި ވަރަށް ޓީމު ތައްޔާރުކޮށް ނުލެވުނު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ލިބުނު މަދު ޕްރެކްޓިސްތަކުގައި ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމުގައި މޯހަން ވިދާޅުވިއެވެ.
މޯހަންގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވި ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ހުސެއިން ނިހާން ވިދާޅުވީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މި ދެ މެޗުވެސް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައި ކަމަށެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖެ އާއި ސްރީލަންކާ ވާދަކުރާ ދެ މެޗު އޮންނާނީ މި މަހުގެ ހަ ވަނަ ދުވަހު އާއި ނުވަ ވަނަ ދުވަހު ކޮލޮމްބޯގައެވެ.



