ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފިއެވެ.
ބަދުރުއްދީން ހަސަނަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްއިން އެމްބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބޭންކިންގގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ބަދުރުއްދީން ކުރިން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރގެ މަޤާމަށް ބަދުއްރުއްދީން އައްޔަންކޮށްފައިވާއިރު އެތަނުގެ ޗެއާމަންއަކީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. އަދި ބޯޑުގެ ޑިރެކްޓަރަކަށް ފާތިމަތު ފަރީހަތު ވަހީދު ވަނީ އައްޔަންކޮށްފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހު އުފައްދާފައިވާ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުއެވެ. މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މާލީ ވުޒާރާއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމުގެ މައިގަނޑު މަޤްޞަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމެވެ. މި ނިންމެވުމުގެ ސަބަބުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުކުރެވޭނެކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ.
އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީއިން ޚިދުމަތް ދޭނީ ޑިޖިޓަލް ލެންޑިންގ ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައިކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.



