ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ކުޅޭ ސުޕަ ކަޕް މެޗުތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިއްޔެ ހެނދުނު ސްރީލަންކާއަށް ފުރައިފިއެވެ.
ޓީމު ފުރުމުގެ ކުރިން މާލޭ ބަސް ޓާމިނަލްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު އާއި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު އަދި އެފްއޭއެމްގެ އިސްވެރިން ޓީމާ ބައްދަލުކޮށް، ކާމިޔާބީއަށް އެދި ހިތްވަރު ދެއްވިއެވެ.
ދެ ގައުމުގެ މެދުގައި ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗު ކުޅޭނީ މިއަދު ސްރީލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގައެވެ. އަދި ދެވަނަ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. މި މެޗުތަކަކީ ސްރީލަންކާއިން ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ މެޗުތަކެކެވެ.
އެންމެ ފުރަތަމަ ސްރީލަންކާއިން ރާވާފައި އޮތީ ހަތަރު ގައުމެއްގެ މެދުގައި ސުޕަ ކަޕެއް ބޭއްވުމަށެވެ. ނަމަވެސް ފަހުން އެ އަދަދު ތިނަކަށް ކުޑަކުރެވުނެވެ. އަދި އެންމެ ފަހުން ބޫޓާނަށް ލަންކާއަށް ނާދެވޭ ގޮތް ވުމާ ގުޅިގެން މި މެޗުތައް ކުރިއަށް ގެންދަން ޖެހުނީ ހަމައެކަނި ރާއްޖެ އާއި ސްރީލަންކާ އާ ދެމެދުގައެވެ.
މި މެޗުތަކުގައި ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި އަޙްމަދު ޝާކިރު (ޝާކިއްޓެ) އާއި އަޙްމަދު ސުޒެއިރު (ކޮއްކޮ) ހަރަކާތްތެރިވާނެ އެވެ.
ރާއްޖޭގެ ގައުމީ ޓީމު މި މެޗުތަކަށް ފުރައިގެން ދިޔައީ ހަ ދުވަހުގެ އިންޓެންސިވް ޕްރެކްޓިސްތަކަކަށް ފަހުގައެވެ.




