ވޯލްޑްކަޕް ކޮލިފައިންގް ދެކުނު އެމެރިކާ ސަރަހައްދުގައި ރޭ އަމިއްލަ ދަނޑުގައި ވެނަޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާއިން 3-0 ނަތީޖާއަކުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މި މެޗުގައި އާޖެންޓީނާގެ ސުޕަރ ސްޓާރ ލިއޮނަލް މެސީ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
މުޅި މެޗުގައިވެސް އާޖެންޓީނާއިން ދެއްކި މޮޅު ކުޅުމާއެކު މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.
އަދި ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ލަނޑެއް ކާމިޔާބުކުރުމަށްފަހު، ހަތަރު މިނެޓު ފަހުން މެސީ އޭނާގެ ދެވަނަ އަދި ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ.
މި މުހިންމު މޮޅާއެކު ކޮލިފައިންގައި ކުޅުނު 17 މެޗުން އާޖެންޓީނާއަށް 38 ޕޮއިންޓް ލިބި، މި ސަރަހައްދުގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕްގެ ޖާގައެއް ވަނީ ކަށަވަރުކޮށްފައެވެ. މެޗުން ބަލިވި ވެނަޒުއޭލާއަށް 17 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެ ޓީމު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނާގައެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޤައުމީ ޓީމަށް ކުޅުނު 194 މެޗުގައި މެސީ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 114 އަށް އަރާފައެވެ.
މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކާ ހަމައަށް ގޮސްފައިވާ އިރު، ރޭ ކުޅުނު މި މެޗަކީ އާޖެންޓީނާ ސަޕޯޓަރުން ކުރިމަތީގައި އޭނާ ގައުމީ ޖާޒީގައި ކުޅުނު ވާދަވެރި ފަހު މެޗެވެ.

ކޮލިފިކޭޝަންގައި އާޖެންޓީނާއަށް އިތުރު މެޗެއް އޮތް ނަމަވެސް، އެ މެޗަކީ ރަށުން ބޭރުގައި އޮތް މެޗެކެވެ.
މެޗުގެ ކުރިން މެސީއަށް ހާއްސަ ޝަރަފެއް ދީފައިވާ އިރު، ސްޓޭޑިއަމް ފުރާލާފައި އޮތް 80،000 ސަޕޯޓަރުން ދިޔައީ އޭނާގެ ނަން ގުގުމަމުންނެވެ. މިހާތަނަށް އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ތާރީހުގެ އެންމެ މޮޅު ކުޅުންތެރިޔާ އޭނާގެ ދަރިންނާއެކު ދަނޑު މައްޗަށް އެރުމާއެކު، އޭނާ ހުރީވެސް ފެންކަޅިވެފައެވެ.

”ރައްޔިތުންނަށްޓަކައި ގައުމީ ޓީމާއެކު ކުޅުމަކީ އެންމެ ބޮޑު ހުވަފެން. އެކަން ހާސިލުވެ، އެތައް އަހަރަކު އެކަން ކުރެވުނީތީ އުފާކުރަން.“ ސަޕޯޓަރުންނާއި ވާހަކަ ދައްކަމުން މެސީ ބުންޏެވެ.
މެސީ ބުނީ އެމެރިކާގައި ކުރިއަށް އޮތް ވޯލްޑް ކަޕް 2026 ކުޅެން އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، ރޭގެ މެޗަކީ ސަޕޯޓަރުން ކުރިމަތީ އަމިއްލަ ގައުމުގައި ގައުމީ ޖާޒީގައި ކުޅޭ ވާދަވެރި ފަހު މެޗު ކަމަށެވެ.




