ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރައިފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ހުޅުލޭގެ ހޫނުމިން 32.0 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ.
އެންމެ މަތީ އިހުސާސްކުރެވޭ ހޫނުމިން ރެކޯޑުކުރެވިފައިވަނީ ލ. ކައްދޫގައެވެ. އެގޮތުން ކައްދޫގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ވަނީ 38.7 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. ހދ. ހަނިމާދޫގެ ހޫނުމިން 30.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.1 ޑިގްރީ ސެލްސިއަސްގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނިގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މި ހިނގާ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެއެވެ. އަދި ދެކުނު ސަރަހައްދުތަކުގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވާނެ ކަމަށްވެސް ލަފާކުރެއެވެ.
މެޓުން ބުނީ، ހޫނު މިން މައްޗަށް ދަނީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށެވެ.
ހޫނުގަދަވުމުގެ ސަބަބުން ވަރުދެރަވުމާއި، އަކުނިވަޔަށްދެމުމާއި، ބޮލުގައި ރިއްސުމާއި ބޯއެނބުރުން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވާން ޖެހެއެވެ.
މީގެ ތެރޭގައި ބޭރަށްދާއިރު ކުޑަ ބޭނުންކުރުމާއި، ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުމާއި، ގިނައިން ފެންބުއިން ހިމެނެއެވެ. ޚާއްޞަކޮށް ކުޑަކުދިން ހޫނުގަދަ ވަގުތުތަކުގައި ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ.



