ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރުގެ ކެރިއަރުގެ 200 ވަނަ ފިލްމު މި ހަފުތާގައި އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އޭނާގެ 58 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަފުލާއެއްގައެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭގެ އެކްޓިން ކެރިއަރު ފެށުނީ 1987 ވަނަ އަހަރު ”އާޖް“ ފިލްމުން ކުޅުނު ކުރު ސަޕޯޓިން ރޯލަކުންނެވެ. އޭނާ ލީޑް އެކްޓަރެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފުވީ 1991 ވަނަ އަހަރު ”ސޯގަންދު“ ފިލްމުންނެވެ. އޭގެ ފަހުން މިހާތަނަށް އަކްޝޭ ވަނީ ގިނަ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ.
ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ އަކީ އެންމެ ބިޒީ އެއް އެކްޓަރެވެ. ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް އޭނާގެ ހަތަރު ފަސް ފިލްމު ރިލީޒްވެއެވެ. މި އަހަރުގެ މިހާތަނަށް އަކްޝޭގެ ”ސްކައި ފޯސް“، ”ކޭސަރީ ޗެޕްޓާ 2″، ”ހައުސްފުލް 5“ އަދި ތެލެގޫ ފިލްމު ”ކަނައްޕާ“ ރިލީޒްވެފައިވެއެވެ.
ނެޝަނަލް އެވޯޑް ވިންކޮށްފައިވާ އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 19 އަށް ތާވަލުކޮށްފައިވާ ”ޖޮލީ އެލްއެލްބީ 3“ އެވެ. އަދި އަންނަ އަހަރަށް ”ބޫތު ބަނގްލާ“ އާއި ”ހައިވާން“ ފަދަ ފިލްމުތައް ތާވަލުކޮށްފައިވެއެވެ.
ކޭޕް އޮފް ގުޑް ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ދެ ކުދިންގެ ބައްޕަ އަކްޝޭ އަކީ މަޝްހޫރު އެކްޓްރެސް ޑިމްޕަލް ކަޕާޑިއާ އާއި މަރުހޫމް ސުޕަސްޓާ ރާޖޭޝް ކަންނާގެ ދަރިފުޅު ޓްވިންކަލް ކަންނާގެ ފިރިމީހާއެވެ.



