ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚާއްސަ މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.
މި ކޭމްޕަކީ ސިއްޙީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ބާއްވާ ކޭމްޕެކެވެ.
މައުލޫމާތު ލިބުނު ގޮތުގައި، މި ކޭމްޕުގައި ޖުމްލަ 15 ކުލިނިކް އަދި ތިން ހޮސްޕިޓަލުން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕްގައި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިކެއާ ހޮސްޕިޓަލުން ވެސް ވަނީ ބައިވެރިވެފައެވެ. މިއަދު ހަވީރު ފެށިގެން ކުރިއަށްދާ މި ކޭމްޕް ހަވީރު 4:00 އިން ރޭގަނޑު 10:30 އަށް ކުރިއަށް ދާނެއެވެ.
މި ކޭމްޕަކީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.
ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ކޭމްޕަކީވެސް އެފަދަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ބާރުއެޅުމާއި، ސިއްޙަތާ ގުޅޭ މުހިންމު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން މީގެ ކުރިންވެސް ވަނީ މިފަދަ އެކި ޕްރޮގްރާމްތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.



