ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ބައެއް މީހުންނަށް އެފްޑީސީން މިއަދު ވަނީ ޑިޕޮސިޓް ދައްކަން ހުޅުވާލާފައިވާ ކަން މެސެޖަކުން އަންގައިފައެވެ.
އެ މެސެޖުގައި ބުނީ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.
މިހާތަނަށް ގާތްގަނޑަކަށް 3،000 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާއިރު، ސޮއިކުރަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާއެވެ. މީގެ އިތުރުން މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ.
ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 9،500 ރުފިޔާ، މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.
ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކަށް ފެން، ކަރަންޓް، ގޭސް އަދި ކޭބަލް ފަދަ އަސާސީ ހުރިހާ ޚިދުމަތްތަކަށް އެފްޑީސީން ރަޖިސްޓްރީކޮށްދޭނެއެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރުވާނެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މި ސަރުކާރުން ވަނީ މިދިޔަ އެޕްރީލް މަހު އާންމުކޮށްފައެވެ. އެހެންނަމަވެސް، ކުރީގެ ލިސްޓުގައި ތިބި ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާންމުކުރި ލިސްޓަށް ފްލެޓް ދިނުމަށް ނިންމާފައެވެ.




