ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޝިގެރޫ އިޝިބާ އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވެ ވަޑައިގެން އަހަރެއް ފުރިހަމަ ވުމުގެ ކުރިންނެވެ.
އިޝިބާ ޖަޕާންގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ޕާޓީ، ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް މި ފަހުން ބޭއްވުނު އިންތިޚާބުތަކުން ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވުމަށް ފަހުގައެވެ.
70 އަހަރު ވަންދެން ޖަޕާންގެ ވެރިކަމުގައި އޮތް އެލްޑީޕީއަށް މި ފަހުން ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އަކީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއާއި މަތީގޭގެ އިންތިޚާބުތަކުން ޕާޓީގެ އަޣުލަބިއްޔަތު ގެއްލުމެވެ.
ތިރީގެއަށް މެންބަރުން ހޮވަން ބޭއްވި އިންތިޚާބުގައި، އެލްޑީޕީއަށް ފާއިތުވި 15 އަހަރުގެ ތެރޭގައި އަލަށް އަޣުލަބިއްޔަތު ގެއްލުނު އިރު، މިދިޔަ ޖުލައި މަހު، ބޭއްވި މަތީގޭގެ އިންތިޚާބުގައި ވެސް ޕާޓީ އަށް ވަނީ ލަދުވެތި ނަތީޖާއަކާ ކުރިމަތިވެފަ އެވެ.
މި ހުރިހާ ނާކާމިޔާބީތަކަކާ ގުޅިގެން އެލްޑީޕީން ވަނީ ޕާޓީއަށް އައު ލީޑަރަކު ހޮވުމަށް ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ފަށާފައެވެ.



