ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2025 މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި އެގްޒިބިޝަން ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މިއަހަރުގެ އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 7 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެގްޒިބިޝަންގައި 20 އަށްވުރެ ގިނަ ޤައުމުތަކުންބައިވެރިވާއިރު، ޖަރުމަނު، އެމެރިކާ، ޔޫއޭއީ، ޗައިނާ، އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކުން 150 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ.

ދިވެހި އެކްސްޕޯ ސާރވިސަސްއާއި ސީޑީސީ އިވެންޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި މައުރަޒުގައި 7000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ބްރޭންޑްތައް ދައްކާލާއިރު، 100 އަށްވުރެ ގިނަ އައު ޕްރޮޑަކްޓްތައް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މައުރަޒުގައި ގްލޯބަލް ކަލިނަރީ ޗެލެންޖްވެސް ކުރިއަށްދާނެއެވެ.
މިއަހަރުގެ މައުރަޒުގައި އައު އިތުރުކުރުމެއްގެ ގޮތުން ”ޓީ ސޮމެލިއާސް” ގެ ނަމުގައި ސައިފަތާއި ސަޔާ ގުޅޭ ޚާއްޞަ ކެޓެގަރީއެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ކެޓެގަރީގައި އެކި ގޮތްގޮތަށް ސައި ތައްޔާރުކުރުމުގެ މާހިރުން ބައިވެރިވާނެއެވެ.

މި އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ކާބޯތަކެތި އުފެއްދުމާއި، ބަދިގެއާއި ހޮޓަލުގެ ސާމާނާއި، ސްޕާ އެންޑް ވެލްނެސް ޕްރޮޑަކްޓްސް، އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ސޮލިއުޝަންސް ފަދަ ތަފާތު ދާއިރާތަކުގެ އުފެއްދުންތައް ޢާންމުންނަށް ބަލައިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.




