ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ގިނަ ގައުމުތަކުން ނިންމަމުންދާ ނިންމުންތަކަކީ ހެދޭ ގޯހެއް ކަމަށް ބުނެ، އެކަމުގެ ރައްދުގައި އިޒްރޭލުން ވެސް އަމިއްލަ ނިންމުންތަކެއް ނިންމަފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް މިއަދު ދީފިއެވެ.
އިޒްރޭލުން މި މައްސަލައިގައި ރުޅިއައިސްފައިވަނީ ފްރާންސާއި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައިވާތީއެވެ.
އަދި ވަކިން ހާއްސަކޮށް، ސައޫދީ އަރަބިއްޔާއާ ގުޅިގެން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ގުޅޭ ކޮންފަރެންސެއް ފްރާންސުން ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، ފްރާންސްގެ ބޮޑުވަޒީރު އެމެނުއެލް މެކްރޮންއާ އިޒްރޭލުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އިޒްރޭލަށް ޒިޔާރަތްކުރައްވާފައިވާ ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކްކޭ ރަސްމުސެންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސާރް ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބާރުއަޅަމުންދާ ފްރާންސާއި ޔޫކޭ ފަދަ ގައުމުތަކުން ހަދަމުން އެ ދަނީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިޒްރޭލުން ވެސް އަމިއްލައަށް ނިންމުންތައް ނިންމަން ޖެހިދާނެ ކަމަށް އޭނާ އިންޒާރުދިނެވެ.
އިޒްރޭލުން އަޅާނެ ވަކި ފިޔަވަޅެއް ހާމަނުކުރި ނަމަވެސް، ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމުން ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެގެންދާނެ ކަމަށް ސާރް ވަނީ އިންޒާރުދީފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑެންމާކުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އެ ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައި ނުވާ ކަމަށެވެ.
”ހަމާސް ނުވަތަ ޓެރަރިސްޓު އެހެން ޖަމާއަތެއް ވެރިކަންކުރާ ފަލަސްތީނުގެ ދައުލަތެއް އަހަރެމެން ދުވަހަކު ވެސް ބަލައެއް ނުގަންނާނަން،“ އޭނާ ވިދާޅުވިއެވެ.
އަދި ފަލަސްތީނުގެ ދައުލަތެއް ބަލައިގަނެވޭނީ އެއީ ހަތިޔާރެއް ނެތް، ހާމަކަން ބޮޑު، ޑިމޮކްރަސީ އޮތް ދައުލަތަކަށް ވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



