އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން، އިސްރާއީލަށް ހަތިޔާރު ވިއްކުން ދާއިމީ ގޮތެއްގައި މަނާކުރަން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މިއަދު ނިންމަވައިފިއެވެ.
ސަންޗޭޒް އިއުލާންކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި، އިސްރާއީލުގެ އަސްކަރިއްޔާއަށް ބޭނުންވާ ތެޔޮ އުފުލާ އުޅަނދުފަހަރަށް ސްޕެއިންގެ ބަނދަރުތަކުގައި ބަނދަރުކުރުން މަނާކުރުމާއި، އަސްކަރީ ސާމާނު އުފުލާކަމަށް ބެލެވޭ މަތިންދާބޯޓުތައް އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކުރުން ހިމެނެއެވެ.
”އިސްރާއީލަށް ދެމިއޮތުމާއި ދިފާއުވުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ދިފާއުވެރިކަމެއް ނެތް އާބާދީއެއް ނައްތާލުމުގެ ހައްގެއް ނޯންނާނެ.“ ސަންޗޭޒް ވިދާޅުވިއެވެ.
މީގެއިތުރުން، ޣައްޒާގައި މަދަނީ ރައްޔިތުން ޝަހީދުކުރުމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތައް ސްޕެއިނަށް އެތެރެވުން މަނާކުރުމާއެކު، ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް އާބާދުވެފައިވާ އިސްރާއީލުގެ ވަޒަންވެރިންނަށް ކޮންސިއުލަރ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ.
ސަންޗޭޒް އަކީ ޣައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ ހަރަކާތްތަކަށް އީޔޫ އިން އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅާއެވެ.



