މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމުން އައިމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފިއެވެ.
މަަޓާޓޯއިން ބުނި ގޮތުގައި ސޫޒަންގެ ލީޑަޝިޕްގެ ދަށުން އެ އެސޯސސިއޭޝާންއަށް ގިނަ ކުރިއެރުންތަކެއް ހޯދަން މަގުފަހިވި އެވެ. މީގެ ތެރޭގައި މަޓާޓޯގެ އައު ލޯގޯއާއި ވެބްސައިޓް އަދި ރޯދަ ކުއިޒް ފަދަ ކަންކަން ހިމެނެއެވެ.
އަދި ސޫޒަންގެ ބުރަ މަސައްކަތުން ސިނާއަތުގައި މަޓާޓޯގެ ދައުރު ވަރުގަދަވެ، ކުރިއަށް އޮތް އަހަރުތަކަށް ވަރުގަދަ ބިންގަލެއް އެޅުނު ކަމަށް މަޓާޓޯއިން ފާހަގަކުރެއްވިއެވެ.
ޓީވީ ހުށައެޅުންތެރިއެއްގެ ގޮތުގަައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ސޫޒަން މަޓާޓޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވީ މިއަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އޭގެ ކުރިން ސޫޒަން ވަނީ ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ.
އަދި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރުގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.
ސޫޒަންގެ އިސްތިއުފާއާ ގުޅިގެން މަޓާޓޯއިން ވަނީ އޭނާގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިހާރު އައު ސީއީއޯއެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.


