އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން މިއަދު ފެށިއްޖެއެވެ.
8 ސެޕްޓެމްބަރ 2025 އިން 8 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކުރިއަށްދާ މި ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
މި ސެޝަން ފެށުމުގެ ގޮތުން އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް، ވޮލްކަރ ޓާރކް ވަނީ ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ މިހާރުގެ ޙާލަތާ ގުޅޭ ރިޕޯޓެއް ހުށަހަޅުއްވާފައެވެ. މި ސެޝަންގައި ރާއްޖޭގެ ވަފުދުން ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ގައުމީ ބަޔާން ދޭނެ ކަމަށް ވެއެވެ.
ޖެނީވާގައި ހަރަކާތްތެރިވާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ފަރާތުން ދިވެހިރާއްޖެއިން ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގއާ ގުޅޭ ސްޓޭޓްމަންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދެ ކޯ ގުރޫޕެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި ސެޝަނަށް ދެ ޤަރާރެއް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ޤައުމީ ބަޔާނެއް ދޭނެއެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައިވެސް ރާއްޖެއިން ވާހަކަދައްކާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން ހިއުމަން ރައިޓްސް ކައުންސިލްގެ މި ދައުރުގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ ހޮވިފައިވާތީ، ކައުންސިލްގެ ބައެއް ސެޝަންތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ޑރ. ސަލްމާއެވެ.
47 މެންބަރުން ހިމެނޭ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ މިހާރު ހިމެނޭއިރު، ރާއްޖޭގެ މެންބަރުކަމުގެ ދައުރު ހަމަވާނީ މިއަހަރުއެވެ.


