ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ހިނގަމުންދާ މުޒާހަރާތައް ހޫނުވުމާއި ގުޅިގެން އެޤައުމުގެ ހޯމް މިނިސްޓަރު ރަމޭޝް ލެހާކް އިސްތިއުފާ ދެއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ޖެންޒީން ފަށާފައިވާ މުޒާހަރާތައް އިތުރަށް ހޫނުވެގެން ދިޔައީ ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާ ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ސަލާމަތީ ބާރުތަކުން ވަނީ މިންގަނޑުން ބޭރުން ބާރުގެ ބޭނުންކޮށްފައެވެ.
މި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހިނގި ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެފައިވާކަމަށް ނޭޕާލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ. އަދި 400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ގިނައީ މުޒާހަރާގެ ބައިވެރިންނެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވި މައިގަނޑު ސަބަބަކީ މުޒާހަރާތައް ހޫނުވެ، މީހުންގެ ފުރާނަ ގެއްލުމާއި، އާންމުންގެ މުދަލަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުންނެވެ.
ޖެންޒީން ވަނީ ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަތުމަށް މަސައްކަތްކޮށް، އިމާރާތުގެ ބައެއްގައި ހުޅު ޖަހާފައެވެ. މިކަމުގެ ސަބަބުން ފުލުހުން ވަނީ އަސްލު ވަޒަން ބޭނުންކޮށްފައެވެ. ހަމަނުޖެހުންތައް އިތުރަށް ހޫނުވެ، އާންމުންގެ މުދަލަށް ގެއްލުންވާ ހިސާބަށް ކަތަމަންޑޫގެ ހާލަތު ގޮސްފައިވުމާ ގުޅިގެން މިއަދު ވަނީ ކަރފިއު އިއުލާންކޮށްފައެވެ.
ޖެންޒީން މަގުމައްޗަށް ނިކުތީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަންދުކުރުމާ ދެކޮޅަށާއި، ސަރުކާރުގެ އޮފިޝަލުން ޒިންމާދާރުކުރުވުމަށް ގޮވާލާ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށެވެ.
އެހެންނަމަވެސް ސުލްހަވެރި އިހުތިޖާޖުތައް މުޒާހަރާތަކަށް ބަދަލުވެ، އެންމެ ފަހުން މުޒާހަރާތައް ވަނީ ކަތަމަންޑޫގެ އެކި ހިސާބުތަކަށް ފެތުރިގެން ގޮސްފައެވެ.




