ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ފެށުމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ އެފްޑީސީގެ ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ތާވަލު ކުރެވިގެންނެވެ.
އެފްޑީސީން ބުނިގޮތުގައި، އެންމެ ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށާނީ އަމާން އުދަރެސް މަޝްރޫޢުގެ 14 ވަނަ ޓަވަރުންނެވެ. މި މަސައްކަތް ކުރިއަށްދާނީ ފަހި ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ފްލެޓް ހަވާލުކުރެވޭ ފަރާތްތަކަށް އެކަން އަންގަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފްލެޓްތައް ހަވާލުކުރުމުގައި އިސްކަންދޭނީ ނިމިފައިވާ ޓަވަރުތަކަށެވެ. އަދި ފްލެޓް ހަވާލުކުރެވޭއިރު، އެ ޓަވަރެއްގެ ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް ފުރިހަމަކުރެވިފައި ހުންނާނެ ކަމުގެ ޔަގީންކަން އެފްޑީސީން ވަނީ ދީފައެވެ.
ފްލެޓް ހަވާލުކުރެވޭނީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން ފޮނުވާފައިވާ މީހުންގެ ތެރެއިން، އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ނިންމާފައިވާ ފަރާތްތަކަށެވެ. މިހާތަނަށް 3000 އަށްވުރެ ގިނަ ފަރާތަކުން ވަނީ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެފްޑީސީން ބުނީ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލުކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ. އެފްޑީސީން މިހާރު ވަނީ ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތުވެސް ފްލެޓް ލިބޭ ފަރާތްތަކަށް ހުޅުވާލާފައެވެ.



