ކުރީގެ އަރަބިއްޔާ ސްކޫލުގައި ހިންގަމުން އައި ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް އިމާރާތެއް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން 2022 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން އެ އިމާރާތުގައި ކިޔަވައިދިނުން ވަނީ ހުއްޓާލާފައެވެ.
މިހާރު އެ އިމާރާތް ތަޅާލުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން އިމާރާތުގައި ހުރި މުދާތައް ހުސްކުރަން ވަނީ ފަށާފައެވެ.
”ސްކައުޓާއި ކެޑޭޓަކީ ވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ދެ ތަން ކަމުން އެ ދެތަނަށް ވެސް އޮފީސް އިމާރާތެއް މިނިސްޓްރީން ހަމަޖައްސައިދޭނެ.“ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އައީ ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިން ކަމަށް ވެފައި، އެތަން ބަންދު ކުރުމަކީ ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމަކަށް ވެފައިވެއެވެ.
ނަމަވެސް ތަން ހުސްކުރުމަށް ސްކައުޓް އިދާރާ އާއި ފިހާރަ ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް އޮންލައިންކޮށް ތަކެތި ލިބޭނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އޮންލައިންކޮށް ގަތުމަށްފަހު އެތަކެއްޗާ ހަވާލުވާން އަންނަންވީ ވަގުތު އެ ތަކެތި ގަންނަ ފަރާތްތަަކަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރަން އަންގާފައިވާއިރު، އެ މުއްދަތާ ހަމައަށް އޮފީސް އިމާރާތެއް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވަނީ ޔަގީންކަން ދެއްވާފައެވެ.



