ކޮންސްޓްރަކްޝަން މިނިސްޓްރީއިން ފާހަގަކުރާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބާއްވާ ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީން ބައިވެރިވެއްޖެއެވެ.
ގައުމީ އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ބާއްވާ މި ކުޑަކުދިންގެ ހަވީރު އޮތީ މިއަދު ހަވީރު 04:00 ގައި މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.
މި އިވެންޓުގެ ތެރެއިން، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޖިނިއަރިންގއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް އެޗްޑީސީން ބެހެއްޓިއެވެ. އެޗްޑީސީގެ މި ސްޓޯލުން ބްރިޖް އަދި ސަރވޭ އާލާތްތައް ދައްކާލުމުގެ އިތުރުން، ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދިނެވެ.
އަދި މީގެ އިތުރުން، ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިންގ އާ ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ. އަދި ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި ހައިޑްރޯލިކް ވޯޓަރޕަވަރ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔައެވެ.

ކުޑަކުދިންގެ ހަވީރުގެ އިތުރުން، އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެޗްޑީސީގެ ފަރާތުން 11 ސެޕްޓެންބަރ ވީ ބުރާސްފަތި ދުވަހު ޓުއާރއެއް ކުރިއަށްގެންދިޔައެވެ. ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ފަސް ސުކޫލެއްގެ 32 ދަރިވަރުން ހިމަނައިގެން ބޭއްވި މި ޓުއާރގައި އެޗްޑީސީން ކުރަމުންއަންނަ އެކިއެކި މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލައި، އެމަސައްކަތްތަކުގެ މައުލޫމާތު ދިނެވެ.

އެޗްޑީސީއިން ބުނިގޮތުގައި، މި ޓުއަރގެ މައިގަނޑު މަގްސަދަކީ އެޗްޑީސީއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލުތަކުގެ ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުމެވެ.
ރާއްޖޭގެ ތަރައްގީއަށް އިންޖިނޭރުންގެ ދައުރު މުހިންމުވެފައިވާ މި ދަނޑިވަޅުގައި، މި ދާއިރާއަށް ޒުވާނުން ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އެޗްޑީސީއިން ބުންޏެވެ.



