ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން، އެ ފްލެޓްތަކަށް ބޭނުންވާ މުނިސިޕަލް އަދި ކޮމާޝަލް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން މަޢުލޫމާތު ދިންގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރަމުންދާ 32 ޓަވަރުގައި ކޮމާޝަލް ޚިދުމަތްތައް ޤާއިމުކުރެވޭނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޓަވަރުތަކުގެ ތެރޭގައި އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެސްގެ 16 ޓަވަރު ހިމެނެއެވެ.
4،000 ފްލެޓްގެ ތެރެއިން މިހާތަނަށް 3،000 އަށްވުރެ ގިނަ ޔުނިޓްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެފްޑީސީން ބުނީ، ކޮންމެ ޓަވަރެއްގެވެސް އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމަށް ޚާއްސަކޮށްފައިވާ ގާބެޖް ރޫމެއް ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައިވެސް ސެކިއުރިޓީ ބެލެހެއްޓުމާއި، ޓަވަރުތަކުގެ އާންމު ސަރަޙައްދުތައް ކޮންމެ ދުވަހަކު ޤަވާއިދުން ސާފުކުރެވޭނެއެވެ.
ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި ރީޓެއިލް ފިހާރަތަކާއި ސުޕަރމާކެޓްތައް އަދި 5 މިނެޓުގެ ހިނގާ ދުރުމިނުގައި ގްރޮސަރީ އަދި ކޮންވީނިއަންސް ފިހާރަތައް ޤާއިމުކުރެވޭނެ ކަމަށާއި، ކޮންމެ ސަރަޙައްދަކަށް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްޤީކުރެވޭނެކަމަށް އެފްޑީސީން ބުންޏެވެ.
މީގެއިތުރުން، 10 މިނެޓުގެ ހިނގާ ދުރުމިނުގައި ތަރުކާރީ އަދި މޭވާ ވިއްކާ މާރުކޭޓުތަކާއި، ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.
އަދި ހަމަ މި ދުރުމިނުގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާއި، ފާމަސީ އަދި ވެލްނެސް ސެންޓަރުތައްވެސް ޤާއިމުކުރެވޭނެއެވެ.



