”ލޫޓުވައިފި“ ޖަހާފަ ބެނާ ދަމަން އެންމެ ރަނގަޅު ވާނީ އެމްޑީޕީ ހަރުގެ ކުރިމަތީގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލާ ދެކޮޅު ޝުއޫރުތައް ހިމެނޭ ބެނާތަކެއް އިދިކޮޅު އެމްޑީޕީން މާލެތެރޭ ދެމުމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ލޫޓުވައިފި، ދަވާލައިފި މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީގެ ހަރުގެ ކުރިމަތީގަ ކަމުގައި ދެކޭ ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ބެނާ ކިތައްމެ ވަރަކަށް މަގުތަކުގައި ދެމިޔަސް މިސަރުކާރުން ބެނާތައް ނުނަގާނެ ކަމަށާއި ރައީސް ޑރ. މުއިއްޒު އަކީ ވާދަވެރި ސިޔާސީ ހަރަކާތައް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅުގައި ތިބި އިރު އެފަދަ ފުރުސަތެއް ނުދޭ ކަމަށެވެ.
”އަޅުގަނޑުމެން އިދިކޮޅުގައި ތިބި ދުވަސްވަރު ތިބޭފުޅުން ކަނޑުވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެނާއި ފުލެޓްތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުން ތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ނުދެއްވި.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، އެމްޑީޕީ ބޭފުޅުންނަކީ ފިނޑި ފިނދަނަތަކެއް ކަމަށެވެ.
އެމްޑީޕީން މާލޭގެ މަގުތައްމަތީ ބެނާތައް ދަމާފައިވަނީ، މާލެ ސިޓީ ކައުންސިލުން ހުއްދަ ނެގުމަކާ ނުލައިކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.




