ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގަތަރުގެ ވެރިރަށް ދޯހާއަށް ފުރާވަޑައިގެންފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާ ވަޑައިގަންނަވަނީ އަރަބް އިސްލާމިކް ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި އިޒްރޭލުން ދާދިފަހުން ގަތަރަށް ދިން ހަމަލާއާއި، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ހަފުތާގައި އިޒްރޭލުން ވަނީ ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް ހަމަލާއެއް ދީފައެވެ. މި ހަމަލާ ދިން ވަގުތު ހަމާސްގެ ލީޑަރުން ތިބީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާމެދު މަޝްވަރާކުރަމުންނެވެ. މި ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް، ހަ މީހަކު ވަނީ ޝަހީދުވެފައެވެ.
މި ހަމަލާއާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވީ، އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، އިޒްރޭލުގެ މިފަދަ އަމަލުތަކާ ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި، މި ހަމަލާއަށް ދޭނެ ރައްދަކާ ގުޅޭގޮތުން އެކުވެރި ގައުމުތަކާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.



