ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާހުކޮށް، ހަނދާނީ ފޮތެއް ނެރެފިއެވެ.
މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އަލަށް ތަޢާރަފުކުރެވުނު މި ވެބްސައިޓަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއެކު މަޢުލޫމާތާއި ލިޔެކިޔުންތައް ބެލޭނެ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގެ އެންމެ ޚާއްޞަ ސިފައަކީ ޤާނޫނީ މަޢުލޫމާތު ފޯރުކޮށްދޭ އަރޓިފިޝަލް އިންޓެލިޖެންސް ފީޗަރ އެކުލެވިގެންވުމެވެ.
އޭ.އައި. ފީޗަރގެ ޒަރީއާއިން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކުގައިވާ މުހިންމު ބައިތައް ވެބްސައިޓުން ހޯދޭނެއެވެ. އަދި ވަކި ސުރުޚީއަކާ ގުޅޭގޮތުން ޤާނޫނުތަކުގައިވާ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މިއީ ސަރުކާރުގެ އިދާރާއެއްގެ ވެބްސައިޓެއްގައި އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަމާއެކު ޤާނޫނީ މަޢުލޫމާތު ޗެޓުގެ ޒަރީޢާއިން ލިބޭނެގޮތް މަގުފަހިކުރެވުނު ފުރަތަމަ ފަހަރެވެ.
އޭޖީ އޮފީހުން ފާހަގަކުރިގޮތުގައި، އޭ.އައި. ޗެޓަކީ އަދިވެސް ކަންކަން ދަސްކުރަމުންދާ ފީޗަރއެއް ކަމަށްވާތީ، މުސްތަޤްބަލުގައި އިތުރު މަޢުލޫމާތާއެކު ޤާނޫނީ ސުވާލުތަކަށް ތަފްޞީލީ ފުރިހަމަ ޖަވާބުތައް ލިބިގެންދާނެއެވެ.
މި މުނާސަބަތުގައި ނެރެވުނު ހަނދާނީ ފޮތުގައި އެ އިދާރާގެ ފާއިތުވެދިޔަ އަހަރުތަކުގެ މަސައްކަތްތަކާއި، ޚިދުމަތްކުރެއްވި ބޭފުޅުންނާއި، އަދި ކޮށްދެއްވާފައިވާ ޚިދުމަތްތައް ތަފްޞީލީކޮށް ހިމަނާފައިވެއެވެ.
މި ރަސްމިއްޔާތުގައި ކުރީގެ ބަންޑާރަނައިބުންނާއި، އެ އޮފީހަށް އެކި ދުވަސްވަރު ޚިދުމަތްކުރެއްވި ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.




