ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ”ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އަޅުގަނޑަށް ވެސް ފެންނަ“ ކަމަށް ވިދާޅުވެފަ އެވެ. ޕޯސްޓުގައި ދެން އޮތީ ޅެން ބައިތެކެވެ.
”ލިބޭ މިންވަރު ނިކަން ދަނެގެން
ވި ބޭނުންތައް ބަހައްލައިގެން
ތިބޭ ނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސް ވާނޭ.“ ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
މިހާރު އޮތް ގާނޫނުގެ ދަށުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50,000 ރުފިޔާއަދި އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75,000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެއެވެ. މީގެ އިތުރުން، ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް 50,000 ރުފިޔާ އާއި އޮފީސް ހިންގުމުގެ ޚަރަދަށް 175,000 ރުފިޔާ ދޭން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އިނާޔަތްތަކެއް ކަނޑައެޅިފައިވެއެވެ. އެގޮތުން، އެއް ދައުރު ފުރިހަމަ ކުރައްވާ މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓް (މަހަކު 18,000 ރުފިޔާ) އަދި ދެ ދައުރު އަދާކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސެންޓް (މަހަކު 27,000 ރުފިޔާއަށް ވުރެ ގިނަ) ލިބެއެވެ.
ނަމަވެސް، ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާ އަދާކުރާ މުއްދަތުގައި ޚިދުމަތުގެ އިނާޔަތް ނުލިބޭނެއެވެ.



