ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އެ ގައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލައި، އަންނަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހު އާ އިންތިޚާބެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އެ ގައުމުގައި ފާއިތުވި ދެ ހަފްތާގައި ހިނގި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ސަރުކާރު ވައްޓާލުމަށްފަހުއެވެ.
ސޯޝަލް މީޑިއާ ބަންދުކުރުމާއި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވުމާ ގުޅިގެން ޒުވާނުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކުގައި 51 މީހުން މަރުވެ، 1،300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި މުޒާހަރާތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރާއި ސަރުކާރުގެ ގިނަ މިނިސްޓަރުން ވަނީ އިސްތިއުފާ ދީފައެވެ.
އާ ސަރުކާރެއް އެކުލަވާލުމުގެ ގޮތުން، ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާރކީ ވަނީ ވަގުތީ ބޮޑުވަޒީރުގެ މަޤާމުގެ ހުވާ އިއްޔެ ކުރައްވާފައެވެ. ސުޝީލާ ކާރކީ އަކީ އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އަދި އެ ގައުމުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާވެސް މެއެވެ.
ބަރުލަމާނީ ނިޒާމެއް އޮންނަ ނޭޕާލްގެ ޤާނޫނުހަދާ މަޖިލީހުގައި 275 މެންބަރުން ހިމެނެއެވެ. އަދި އެ ގައުމުގެ ސަރުކާރު އެކުލަވާލެވެނީ މަޖިލީހުގެ ތެރެއިންނެވެ.
އާ ބޮޑުވަޒީރު އައްޔަންކުރުމާއެކު، އެ ގައުމުގައި މިހާރު ވަނީ ހަމަޖެހުން ޤާއިމުކުރެވި، ކަރފިއުފަދަ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ.



