ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަން މިއަދު ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ކުރީގެ ސަރުކާރުން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކުރުމަށްފަހު، މިހާރުގެ ސަރުކާރުން ވަނީ އެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލައި، ގޯތި ދޫކުރާނެ ސަރަހައްދުތައް އަލުން ކަނޑައަޅާފައެވެ.
މި ބަދަލާ އެކު މިހާތަނަށް 1260 ފަރާތަކަށް ވަނީ ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމަށްޓަކައި، އެސަރަހައްދު ސާފުކޮށް އިންވަކިކުރުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު މިނިސްޓްރީން ވަނީ ފަށާފައެވެ. ފުރަތަމަ ގޯތި ހަވާލުކުރާ ފަރާތްތަކަށް ގޯތި ދޫކުރުމަށް އާދިއްތަ ދުވަހު ވަނީ ބިމުގެ ވެރިފަރާތްތައް ގުޅިފަޅަށް ގެންގޮސްފައެވެ.
ގޯތިތައް ވެރިފަރާތްތަކާ ހަވާލުކުރަން ފެއްޓެވިކަން ހާމަކުރައްވައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ގޮތުގައި ވަގުތީގޮތުން ދޫކޮށްފައިވާ ބިންތައް ހުސްކުރުމުން އެބިންތައް ހިމެނޭ ސަރަޙައްދުތަކުގައި ހިމެނޭ ގޯތިތައްވެސް ހަވާލުކުރަމުން ގެންދާނެކަމަށެވެ.
އަލަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭނުގެ ދަށުން، މިހާރު ހިއްކާފައިވާ ބިމުން އާންމުންނަށް ހުރިހާ ގޯތިތަކެއް ދޫކުރަން ވަނީ ނިންމާފައެވެ.



