ގަތަރުގެ ވެރިރަށް ދޯހާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި މި ސަމިޓުގައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓް ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ ހަފްތާގައި އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް ދިން ހަމަލާއާ ގުޅިގެންނެވެ. އިޒްރޭލުން މި ހަމަލާ ދިން ވަގުތު، ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދު ހަމާސްގެ ލީޑަރުންތަކެއް ދިޔައީ މަޝްވަރާކުރަމުން ދިޔައެވެ.
އިޒްރޭލުގެ މި ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ޖުމްލަ ހަ މީހަކު ވަނީ ޝަހީދުވެފައެވެ.
މި ހަމަލާއާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވީ، އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށާއި، ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށެވެ.
ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، އިޒްރޭލުގެ މިފަދަ އަމަލުތަކާ ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި، އެގޮތުން މި ހަމަލާއަށް ދޭނެ ރައްދަކާ ގުޅޭގޮތުން އެކުވެރި ގައުމުތަކާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.



